Thursday, September 30, 2021

 

ތަޢާރަފް

މި އެސައިމަންޓަކީ މާސްޓަރޒް އޮފް ޓީޗިންގ ދިވެހި ލެންގްއޭޖް  ކޯހުގެ " މޯލްޑިވިއަން ހިސްޓްރީ އެންޑް ކަލްޗަރ" މި މޮޑިއުލްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ އެސައިމަންޓެކެވެ. މިގޮތުން މި އެސައިމަންޓުގައި ހިމެނިފައިވާނީ އިނގިރޭސިންގެ ހިމާޔަތަށް ދިވެހިން ދިއުމާއެކު، ވަކިން ހާއްސަކޮށް އިނގިރޭސިން އައްޑޫގައި ވަޒަންވެރިވުމާއެކު ވަރަށް ގިނަ ބަދަލުތަކެއް އައްޑޫއަށް އަދި ދިވެހިރާއްޖެއަށް އައިސްފައިވުމާއެކު، އެ އައި ބަދަލުތަކަކީ ކޮބައިކަމާއި، އަދި އިނގިރޭސިން އެދުވަހު އެތިބިގޮތަށް ރާއްޖޭގައި ޤާއިމުވެ ތިބިނަމަ ދިވެހިރާއްޖެއަށް އަންނާނޭ ބަދަލުތަކަކީ ކޮބައިކަންވެސް ހިމަނާލެވިފައިވާނެއެވެ. އަދި މީގެ އިތުރުން އިނގިރޭސިންގެ ހިމާޔަތަށް ދިވެހިރާއްޖެ ދީލާލުމާއި އޭގެ އަޑީގައިވާ ސަބަބުތަކާއި، އެކަމުން މުސްތަޤުބަލަށް ހޯދަންވީ އިބުރަތަށްވެސް އަލި އަޅުވާލެވިފައިވާނެއެވެ.

1-    އިނގިރޭސިންގެ ހިމާޔަތަށް ދިވެހިން ދިއުން

ދިވެހިންގެ އެވޭލާ ޒަމާންވީ ތާރީޚު ހެކިދޭގޮތުން ދިވެހިރާއްޖޭގައި މައިގަނޑު ހަތް ރަސްދަރިކޮޅަކުން ރަސްކަން ކުރައްވާފައިވެއެވެ. މިގޮތުން ހުރާ ދަރިކޮޅަށް ނިސްބަތްވާ އައްޞުލްޠާނު މުޙައްމަދު މުއީނުއްދީން (ދެވަނަ) ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި ދުވަސްވަރު ޔޫރަޕްގެ ބައެއް ޤައުމުތަކުން ވިސްނަމުންދިޔައީ އިންޑިޔާ ކަނޑުގެ ބައެއް ޤައުމުތައް އެބައިމީހުންގެ އާރާއި، ބާރުގެ ދަށަށް ގެނައުމަށެވެ. މިގޮތުން މުހައްމަދު އިބްރާހިމް ލުޠުފީ (1988) ބަޔާންކުރައްވާފައިވާގޮތުގައި އިނގިރޭސިންވަނީ އެހެން ޤައުމުތަކަށްވުރެ ބާރުގަދަ ޤައުމަކަށް ވެފައެވެ. އެހެންކަމުން އިނގިރޭސިން ވެގެން ދިޔައީ 19 ވަނަ ޤަރުނުގައި ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ހަމައެހެންމެ އެންމެ ނުފޫޒު ގަދަ އެއް ޤައުމަށެވެ. ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގޮސްފައިވަނީ 16 ޑިސެމްބަރ 1887 ގައެވެ. މިދުވަސްވަރަށް ބަލާއިރު ރާއްޖޭގެ މަޝްރަޚު އޮތީ ސިޔާސީގޮތުން ބޮޑު ކޯޅުން ގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. މިއީ ކަކާގޭ އާއިލާގެ ބޭފުޅުންނާއި އަތިރީގޭ އާއލާގެ މެދުގައި ހިނގަމުން ދިޔަ ހަމަނުޖެހުން ގަނޑެކެވެ. މި މައްސަލައަކީ ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިއުމަށްމެދުވެރި އެއްސަބަބުކަމުގައިވާ ބޮޑުހުޅަށް މަގުފަހިވެގެން ދިޔަ ވަރަށް ބޮޑު ސަބަބެއްކަމަށް މުޙައްމަދު ނަޞީރު (2009) އާއި ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1989) ގެ ލިޔުއްވުންތަކުން ހާމަވެގެން ދިޔައެވެ. މިހަމަނުޖެހުން ގަނޑުގެ ތެރޭގައި މާލޭގައި ހިނގާދިޔަ ބޮޑުހުޅުގެ ހާދިސާގެ ނަން ދެވިގެން ހިންގާފައިވާ މިއަނިޔާވެރި ބަޣާވާތަކީ ދިވެހިރާއްޖެ އިނގިރޭސިންގެ އަތްގަދަކޮށްލުމަށް ލިބިގެންދިޔަ ފަހި ފުރުޞަތަކަށް ވެގެންދިޔައެވެ. އަދިމީގެއިތުރުން ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިއުމުގައި ވޯރާއިންގެ ބައިވެރިވުންވެސް ހިމެނޭކަމަށްވެއެވެ. އެއީ ބޮޑުހުޅުގެ ސަބަބުން ވޯރާއިންނަށް ގެއްލުންތައްވުމުން އެމީހުން އިނގިރޭސީންގެ ޙިމާޔަތްހޯދަން އެދިފައިވުމުންނެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ (1988) ހާމަކުރައްވާފައިވާގޮތުގައި އިނގިރޭސިންގެ ވިސްނުންހުރީ ވޯރާއިންނަށް ލިބޭ ކޮންމެ ގެއްލުމަކީ އިނގިރޭސިންނަށްވެސް ލިބިގެންދާނެ ގެއްލުމަކަށްވާނެކަމުގައެވެ. އަދިހަމައެހެންމެ ވޯރާއިންގެ  އުނދަގޫ ދިވެހީންނަށް ފޯރަމުންދިޔައިރު ކަސްޓަމްގެ ވެރިއަކަށް ހުންނެވި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ވޯރާއިންނަށް ދިވެހިން ދަރާފައިވާ ދަރަނި ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އެޅުއްވިއެވެ. މިގޮތުން ޓެކްސް ނެގުމުގެ ޤަވާއިދަށް ނުވަތަ އުޞޫލުތަކަށް ބަދަލު ގެންނެވިއެވެ. ނަމަވެސް މިކަމަކީ ވޯރާއިން ރުހޭކަމަކަށްނުވިއެވެ. އެހެންކަމުންގެ އެމީހުންގެ ސިޔާސީ ނުފޫޒު ހުރިހާ ކަމަކަށް ފޯރައިގެން ދިޔައެވެ. މުޙައްމަދު ނަޝީދު (އަހަރު ނެތް) ލިޔުއްވާފައިވަނީ ވޯރާއިން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހުށަހެޅުއްވި ކަންތައްތަކާ ދެކޮޅުވެރިވިރޭ މިހުޅުޖަހަން ފަށައިފިކަމަށެވެ. މާނައަކީ އެއީ ބޮޑުހުޅުގެ ފެށުން ކަމަށްވެ، ތާރީޚީ ހުޅުގަނޑު ރޯންވާން ފަށައިފިކަމުގައެވެ. މިހެންކަމުން މިބޮޑުހުޅުގެ އަޑީގައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހުންނެވިކަމުގެ ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތްކަމަށް ލިޔުއްވާފައިވެއެވެ.  މިގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ހާމަކުރައްވާފައިވާގޮތުގައި  ދިވެހި ރަސްކަމުގެ ތެރޭގައި އުފެދުނު އާއިލީ އަދި ސިޔާސީ ކޯޅުންގަނޑުގެ ބާރު ގަދަވެގެންދިއުމުގެ ނަތީޖާއަކަށްވީ އޭރު ރާއްޖެއަށް ދަހިވެތިވެ ފާރަލަމުން އައި އިނގިރޭސިން ރާއްޖެއަށް އަތްގަދަ ކޮށްލުމަށް ލިބިގެންދިޔަ ފަހި، ފުރުޞަތުތަކެއް ކަމުގައެވެ.

ދިވެހި ތާރީޚުގެ ދުވަސްވީ ޞަފްޚާތަކަށް ޖެހިލާއިރު އަތިރީގޭ އާއިލާގެ ބޭފުޅުންނަކީ އިނގިރޭސިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް ހެކިދޭ ގިނަ ވާހަކަތަކެއް ލިޔެވިފައިވެއެވެ. މިގޮތުން  މުސްކުޅި ބަންޑާރައިންގެ ބައްޕާފުޅު މުޢީނުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރު ދޮން އަޙުމަދުދީދީއާ އިނގިރޭސީންނާ ދެމެދު ޚާއްޞަ ގާތްކަމެއް އުފެދިފައިވާ ކަމަށް އަޙުމަދު ޝާކިރު (2004) ހާމަކުރައްވާފައިވެއެވެ. އަދިމިބުނުމަށް ބާރު ލިބޭގޮތަށް މުހައްމަދު ނަޝީދު (އަހަރުނެތް) ލިޔުއްވާފައިވަނީ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ޢަލީ ދޮށިމޭނާ ކިލެގެފާނާއި، ކާފަ ދަރިކަލުން އިބްރާހިމް ދޮށިމޭނާ ކިލެގެފާނުވެސް ގެންދެވީ އިނގިރޭސީންނާ ގާތްގުޅުމެއް ބާއްވަމުންނެވެ. މިގޮތުން ދޮން އަޙުމަދު ދޮށިމޭނާ ކިލެގެފާނާ، އިނގިރޭސީންނާ ދެމެދު މުޑުވައްކުރި ނުވަތަ ކުރިފަޅައިގެން އައި ގުޅުމަށް ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ފެންދީ، އާރޯކޮށް،ހައްދަމުން ގެންދެވިކަމަށްވެއެވެ. މިހެން މިކަން ހިނގަމުންދިޔަ ދުވަސްވަރު 19 ވަނަ ޤަރުނުގެ ތެރޭގައި އިނގިރޭސިން ދުނިޔޭގެ ބައެއް ޤައުމުތައް އެމީހުންގެ ބާރުގެދަށަށް ގެނެސް އަޅުވެތި ކުރަމުން ގެންދިޔުމުގެ ތެރޭގައި ދިވެހިރާއްޖޭގެ ޗާޓެއްވެސް ވަނީ ކުރަހާފައެވެ. އަހުމަދު ޝާކިރު (2004) ހާމަކުރައްވަނީ މިޗާޓް ކުރަހާފައި ވަނީ މުސްކުޅި ބަންޑާރައިންގެ ދުވަސްވަރު އަތިރީގޭ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި އެކިލެގެފާނުގެ އެހީފުޅާއެކު ކެޕްޓަން މޮރަސްބީ އާއި، އިނގިރޭސި ދެ އޮފިސަރުންގެ ޓީމަކުން ކަމަށެވެ.

އެކިގޮތްގޮތުން އިނގިރޭސިންނާއި އަތިރީގޭ އާއިލާއާއި އޮތް ގުޅުން ބަދަހިވެގެން ދިއުމުގެ ނަތީޖާއަކަށް ވާންފެށީ އިނގިރޭސިންގެ ސިކުނޑިތަކުގައި ރާއްޖެއަށް އޮތް ދަހިވެތިކަން އިތުރުވެ، ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމަށް ކޮށިގެން ދިޔަ މަގުތަކަކަށެވެ. މިގޮތުން މުޙައްމަދު ވަޙީދު (1987) ހާމަކުރައްވާފައި ވަނީ ”ކެޕްޓަން ލޮއިޑް މާލެއައުން ހިމެނުނީ ”މާތްވެގެންވާ” އިނގިރޭސީންގެ ތަނަވަސް ސިކުނޑިތަކުގައި ރާއްޖޭގެ މައްޗަށް އިސްތިޢުމާރުގެ އަސަރު ފޯރުވުމުގެ ޚިޔާލުގެ އޮށް އިންދުން ކަމުގައެވެ." (ޞ.59).

ދިވެހިރާއްޖެ އިނގިރޭސީންގެ ކޮލޮނީއަކަށް ހެދުމަށްޓަކައި އެޚިޔާލު ގޯޑްންގެ ސިނކުޑިއަށް ވާޞިލްކޮށްދީފައި ވަނީ ކެޕްޓަން ލޮއިޑްގެ ރިޕޯޓުން ކަމަށްބެލެވޭއިރު ކެޕްޓަން ލޮއިޑްގެ ތަނަވަސް ސިކުނޑިއަށް ދިވެހިރާއްޖެ އިނގިރޭސީންގެ ކޮލޮނީއަކަށް ނުވަތަ ޕްރޮޓެކްޓަރޭޓަކަށް ހެދުމުގެ ޚިޔާލު ވައްދައިދީފައި ވަނީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުކަން މާލޭގައި ހިނގާދިޔަ ބައެއް ކަންތައްތަކުންނާއި، ތަޙްޤީޤުތަކުންނާއި، އަދި ކެޕްޓަން ލޮއިޑް ގަވަރނަރ ގޯޑްން އަށް ފޮނުވި ރިޕޯޓުން އެނގި، ހާމަވެގެންދާކަމަށް މުޙައްމަދު ވަޙީދު (1987) ހާމަކުރައްވާފައިވެއެވެ. މިގޮތުން މަޝްހޫރު ބޮޑުހުޅުގެ ތާރީޚާއި، ވޯރާ ވިޔަފާރިވެރިންގެ މައްސަލަތަކަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމަށް މެދުވރިވި ސަބަބުތަކެވެ. ކޮންމެއަކަސް މިނޫން ސަބަބުތައްވެސް ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވިއެވެ. މިގޮތުން އެ ފަދަ ސަބުބުތަކުގެ ތެރޭގައި އިނގިރޭސި އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އުރުމާއި، ބޯޓްދެލި ސްޓޭޝަންގެ މަޝްރޫޢު ނާކާމިޔާބު ވުމުގެ އިތުރުން ދެ ޢާއިލާއެއްގެ ދެމެދުގައި ހިނގާދިޔަ މިފަދަ ޒާތީ މައްސަލައިގެ ސަބަބުން ބޮޑު ހުޅަށް މަގުފަހިވެގެން ދިޔަކަމަށް ބެލެވޭކަމަށް މުހައްމަދު ނަޝީދު (އަހަރުނެތް) ހާމަކުރައްވާފއިވެއެވެ.

 ކޮންމެއަކަސް މިގޮތުން ހިނގާދިޔަ ގިނަ ކަންތައްތަކުން ހާމަވެގެންދަނީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ސަލާމަތް ކުރެއްވުމަށް އަޙުމަދު ދޮށިމޭނާ ކިލެގެފާނު އިނގިރޭސީންގެ އެހީއާއި މަދަދު ހޯދުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ގެންދިއުމަށްޓަކައި، އިނގިރޭސީންނަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެއްކަމުގައެވެ. އެހެންނަމަވެސް އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔުމުގެ ބޭނުމުގައި ނުވަތަ އެކަމަށް މަގުފަހި ކުރުމުގެ މަޤުޞަދުގައި އިނގިރޭސީން ފެށި މަސައްކަތުގައި ކާމިޔާބުގެ ކުލަވަރު ޖެހޭ ގޮތެއް އަދި މިހިސާބަކުން ނުވިއެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ އިނގިރޭސީންގެ ކޮލޮނީ އަކަށް ވާން  ދިވެހިން ބޭނުން ނުވުމެވެ. ނަމަވެސް މިހާހިސާބުންވެސް އިނގިރޭސިންގެ މަސައކަތްތައް ހުއްޓާނުލާ ކުރިއަށް  ގެންދިޔައެވެ.

ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1998) ހާމަކުރައްވާގޮތުގައި  ”އެއްވެސް ޙާލެއްގައި މާތް ﷲ ނޫން ފަރާތެއްގެ ޙިމާޔަތެއް ނުވަތަ އަޅުވެތިކަމެއް ޤަބޫލުކުރުމަކަށް ކީރިތި މަހާރަދުންނާއި، ބޮޑުވަޒީރާއި، ފަނޑިޔާރުކަމާ ޙަވާލުވެ ހުންނެވި ނައިބު ތުއްތުއާއި، ހަވަރާއި ރައްޔިތުން ޤަބޫލު ކަމަކަށް ނުވިއެވެ.” (ޞ.24).

ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގެންދިއުމަށްޓަކައި އެބައިމީހުން ބޭނުންވާ ގޮތަށް އެގްރިމެންޓް ލިޔުމަށް އެދުވަސްވަރު ދިވެހި ދަޢުލަތުން އެފަދަ ލިޔުންތައް ލިޔުމަށް ކަނޑައެޅިފައިވާ ބޭފުޅާ ކަމުގައިވާ ނައިބުތުއްތުގެ އަރިހުން އެދުމުން ވިދާޅުވެފައިވަނީ  އެ އެގްރިމެންޓް ލިޔަން ނޭނގޭ ކަމުގައި ކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ގައި ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މިހިސާބުން އަދި މިކަން ނިމުމަކާ ހަމައަށް ދިޔައިކީނޫނެވެ. ވުމާއެކު މިކަމާމެދު ދިވެހި ދައުލަތާ އިނގިރޭސި ދައުލަތާ ދެމެދު ދިޔައީ ސިޓީތައް ބަދަލު ކުރެވެމުންނެވެ. މިގޮތުން އިނގިރޭސި މަނަވަރުތައް ރާއްޖެ އައިސް ގޮސް ހަދަމުން ދިޔައެވެ. އެންމެފަހުން ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގެންދިއުމަށް އެބައިމީހުން އިނގިރޭސި ބަހުން ލިޔެފައިވާ އެގްރިމެންޓެއް ގެނެސް އޭގައި ރަދުންގެ ސިއްކަ ޖެއްސުމަށްފަހު، ސިލޯނުގައި ހުރި އިނގިރޭސި ގަވަރނަރާ އެއެގްރިމެންޓް ޙަވާލު ކުރިއެވެ. ނަމަވެސް ދިވެހި ދަޢުލަތުން އިނގިރޭސި ދަޢުލަތަށް ފޮނުއްވާފައިވާ ހުރިހާ ސިޓީއެއް ވެސް ހުރީ ޢަރަބި ބަހުން ކަމަށްވުމުން މިއެގްރިމެންޓް ވެސް ޢަރަބި ބަހުން އޮތުމަށް ގަވަރނަރަށް ފެނިވަޑައިގަންނަވާތީވެ، މިއެގްރިމެންޓް ޢަރަބި ބަހުން ލިޔުމަށްފަހު ރަދުން ލައްވާ ސޮއިކުރުމަށް، އަތިރީގޭ އަޙުމަދުދީދީ އާއެކު އިނގިރޭސި މަނަވަރެއް މާލެފޮނުވި ކަމަށް މުޙައްމަދު އިސްމާޢީލް ދީދީ (1995) ހާމަކުރައްވާފައިވެއެވެ.

ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1998) ލިޔުއްވާފައިވާގޮތުގައި އިނގިރޭސީންގެ މަނަވަރު މާލެއައުމާއެކު އެގްރިމެންޓްގައި ރަދުން ސޮއި ކުރެއްވުމަށްޓަކައި  ގަވަރނަރ ސަރ. އާތަރ ހެވިލްޓަން ގޯޑަން ޖީ. ސީ. އެމް. ޖީ ގެ ވަކީލުންނާއި، އަޙުމަދު ދޮށިމޭނާ ކިލެގެފާނު މަތިގެއަށް ވަޑައިގެންނެވިއެވެ. މިގޮތުން ،މިކަން ހިނގާދިޔައީ ހަމަ ކުރީފަހަރެކޭ އެއްގޮތަށް މިފަހަރު ވެސް ރަދުން އެގްރިމެންޓްގައި ސޮއި ކުރުމަށް އިންކާރު ކުރެއްވުމެވެ. އެހެންކަމުން ބޮޑުވަޒީރު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި، ފަނޑިޔާރު ކަމުގައި ހުންނެވި ނައިބު ތުއްތާއި، ދަޢުލަތުގެ ބޮޑުންނާއި، ހަވަރާއި ރައްޔިތުން ވެސް ތިބީ ރަދުންނާއެކުގައެވެ. މިހެންވުމުން އެވަފުދު އެނބުރި މަނަވަރަށް ވަޑައިގަތުމަށްފަހު، ދެން ފެނުނީ މަނަވަރުގެ ބަޑިތައް މާލެއާއި ދިމާއަށް އަނބުރާލައިގެން ބާރަށް ދުއްވާފައި އައިސް ކިރިޔާ ނުބީހޭ މިންވަރަށް ތޮށި ކައިރިއަށް މަޑުކޮށްލި ތަނެވެ. ކުއްލިއަކަށް މަނަވަރުގެ ބައްތެލީގައި އަޙުމަދު ދޮށިމޭނާ ކިލެގެފާނާއެކު އެވަފުދު މާލެ ފައިބާ ވަޑައިގެން ވިދާޅުވީ ”ސޮއި ނުކުރެއްވި ނަމަ ރަށް ފުނޑުފުނޑު އަރުވާލަފާނެއެވެ. ރަށަށް ހެޔޮ އެދެންޏާ ސޮއި ކުރައްވަން މަޖުބޫރުވީއެވެ.” (ޢަބްދުލް ޙަކީމް ޙުސައިން މަނިކު، 1998، ޞ.91). އެވަގުތު ނައިބު ތުއްތު ފުންމައިގެން ތެދުވެ އެތަނުން ނިކުންނަވަމުން ވިދާޅުވީ ”ކާފިރުން އަތުން ޝަހީދު މަރަކުން މަރުވިޔަސް ތިޔާގައި ސޮއި ކުރާނެ ކަމެއް ނެތެވެ. ސޮއިކުރާތާކު މަށެއް ނީންނާނަމެވެ.” (ޢަބްދުލް ޙަކީމް ޙުސައިން މަނިކު، 1998، ޞ.91). ކޮންމެއަކަސް މިހެން ވިދާޅުވެ ނައިބު ތުއްތު އެތަނުން ނިކުމެ ވަޑައިގަތީއެވެ. މިހެން މިކަން ހިނގާދިއުމުން އެންމެފަހުން ރަދުންނަށް މަޖުބޫރުވެގެން 16 ޑިސެމްބަރ 1887 ގައި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ އެގްރިމެންޓްގައި ސޮއި ކުރެއްވީ ކަމަށް ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1998) ހާމަކުރައްވާފައިވެއެވެ. މިކަމާއިގުޅިގެން މުހައްމަދު ނަޝީދު (އަހަރުނެތް) ލިޔުއްވާފައިވަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ އިނގިރޭސިންގެ "ގަންބޯޓް"  ޕޮލިސީގެ ސަބަބުން ކަމުގައެވެ. އިނގިރޭސިން ރޭވި ރޭވުންތަކުގައި ދިވެހިންގެ ތެރެއިން ބަޔަކު ބައިވެރިވުމުގެ ނަތީޖާއަކަށްވީ ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމެވެ.

2-    އިނގިރޭސިން އައްޑޫގައި ވަޒަންވެރިވުން

އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު އާންމު އުޞޫލާ ތަފާތުގޮތެއްހުރި އަތޮޅެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް (1981) ހާމަކުރައްވާގޮތުގައި އައްޑުއަތޮޅަށް ލިބިފައިވާ ނަސީބަކީ ރާއްޖޭގެ ގިނަރަށްތަކަށް ލިބިފައިވާ ނަސީބެއްނޫނެވެ. މިގޮތުން އައްޑުއަތޮޅަކީ އެއަތޮޅުގެ އުތުރާއި ދެކުނު ބިތުގައި އޮންނަ ހަތަރު ކަނޑުއޮޅި ފިޔަވައި އަތޮޅުތެރެއަށް ވަދެވޭނެ އެއްވެސް މަގެއް ނޯންނަގޮތަށް އުފެދިފައި އޮތް، ޤުދުރަތީ ގޮތުންވެސް އަމާންކަން ލިބޭފަދަ ގޮތަކަށް އުފެދިފައި އޮތް ބަނދަރެކެވެ. މި ސަބަބު ވެގެންދިޔައީ އިނގިރޭސިން އައްޑުއާމެދު އުފެދިފައިވާ ޝައުޤުވެރިކަން ބޮޑުވެގެން ދިޔަ ކަމަކަށެވެ.

އިނގިރޭސިންގެ ޝައުޤުވެރިކަން ދިވެހި ސަރުކާރަށް އެކި ސިފަސިފައިގައި އެބައިމީހުން ހުށައަޅަމުން ގެންދަން ފެށިއެވެ. މިގޮތުން އަޙުމަދު ޝާކިރު (2004) ލިޔުއްވާފައިވާ ގޮތުގައި އިނގިރޭސިން އައްޑު އަތޮޅަށް ޝައުޤުއުފެދިގެން އައި ދުވަސްވަރު ވެގެންދިޔައީ ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައިއޮތް ދުވަސްވަރަކަށް ކަމުން ދިވެހިރާއްޖޭގެ ސަރުކާރަށްވެސް ޖެހުނީ އެމީހުންގެ އެ ހުށައެޅުންތައް އަޑުއަހާ އެކަމަށް އެދެވޭ ޖަވާބެއްދޭށެވެ. އިނގިރޭސިން ބޭނުންވާފަދަ ރަނގަޅު ގޮތްތަކެއް އެމީހުންނަށް ހަދައިދޭން ދިވެހި ސަރުކާރަށް މަޖުބޫރުވިއެވެ. މިބުނުމަށް ބާރުލިބޭގޮތަށް މުހައްމަދު އިބްރާހިމް ލުޠުފީ (1998) ހާމަކުރައްވާފައިވަނީ އޭރު ރާއްޖޭގެ ވަޒީރުލް ޢައުޒަމްގައި ހުންނެވި އިބްރާހިމް ފާމްދޭރި ކިލޭގެފާނާއި އިނގިރޭސިން އެދޭގޮތަށް އައްޑޫގެ ކަންތައްތައް ނިންމަވައި ދެއްވިއެވެ. ވުމާއެކު  މިކަމުންވެސް އެނގިގެންދިޔައީ ދިވެހިންގެމައްޗަށް އިނގިރޭސިންގެ ނުފޫޒާ ބާރު އެދުވަސްވަރުގައި އޮތް މިންވަރުކަން ޔަޤީންނެވެ. ވުމާއެކު ދިވެހިރާއްޖެ އިނގިރޭސިންގެ އަތުން މިނިވަން ވުމާހަމައަށްވެސް ސ.ގަން އޮތީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައެވެ.

1945 އަހަރު ކުރެވުނު ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގައި އިނގިރޭސިން އިއްތިހާދުވި ޤައުމުތަކުން ޚާއްޞަކޮށް އިނގިރޭސިން އިންޑިޔާގެ އެތެރެވަރީގައި ކުރެވުނު ހަނގުރާމައިގައި އައްޑުއަތޮޅު ހަދާފައިވަނީ އެމީހުންގެ މައި މަރުކަޒަކަށެވެ. މިގޮތުން މުޙައްމަދު އަމީން (1949) ޔަޤީންކޮށްދެއްވާގޮތުގައި ހިތަދޫ "ކޯއްޓޭ" އާއި މީދޫ "މާއެޅެ" ސަރަޙައްދު އަދި ވިލިގިލީގައި އިނގިރޭސިންގެ މަރުކަޒުތަކެއް ޤާއިމު ކޮށް އެމަރުކަޒުތަކުގައި ތިބެ ދުޝްމަނުންނާއި އިނގިރޭސިން  ހަނގުރާމަކޮށްފައިވެއެވެ. މިގޮތުން ކުރެވުނު ހަނގުރާމައިގައި އިނގިރޭސިންނަށް ކާމިޔާބާއި، ނަސްރު ލިބިގެން ދިއުމަށްފަހު އެބައިމީހުނަށް އައްޑޫއަތޮޅު ވެފައިވީ ވަރަށް މުހިއްމު ތަނަކަށެވެ.

އިނގިރޭސިން އައްޑުގައި ވަޒަންވެރިވުމަކީ ދިވެހިންނަށް ދިވެހިންގެ އަމިއްލަ މިނިވަންކަން ނެތުނީ ކަމަށް ދެންނެވިދާނެއެވެ.  މިގޮތުން އިނގިރޭސިންނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ގަމުގައި އެއަރޕޯޓެއް ހަދައި، ރޯޔަލް އެއާރ ފޯސް (އާރް،އޭ، އެފް) ގެ ނަމުގައި އިނގިރޭސި ސިފައިން އައްޑޫގައި ވަޒަންވެރިވެ، ދިރިއުޅެމުން ގެންގޮސްފައިވެއެވެ. މުހައްމަދު އަމީން (1949) އާއި އިބްރާހިމް ލުޠުފީ (1998) ލިޔުއްވާފައިވާގޮތުން މީލާދީން 1955 ވަނައަހަރުގެ ނޮވެމްބަރމަހުގެ 25 ވަނަ ދުވަހަކީ އައްޑުއަތޮޅުގައި އިނގިރޭސިންގެ ވައިގެ މަރުކަޒެއް ހަދައި، އެތަނުގައި އެމިހުން ތިބުމުގެ ނިޔަތުގައި އެކަމަށް ބޭނުންވާ ސާވޭ ކުރުމަށް (ބަލާ ހޯދުމަށް) އިނގިރޭސިންގެ ރޯޔަލް އެއަރފޯސްގެ 13 މީހުން ހިމެނޭ ޓީމެއް އައްޑުއަށް އައި ދުވަހެވެ. މިޓީމުގެ މަސައްކަތް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާ، ދިވެހި ސަރުކާރަށް އެބައިމީހުންގެ ހުށައެޅުންތަކެއް ހުށައެޅިއެވެ. މިހުށައެޅުމުގައިވަނީ އައްޑުއަތޮޅުގައި އޭރު ދެވަނައަށް އެންމެ އާބާދީ ބޮޑުކަމަށްބެލެވޭ، އަދި ބިމުގެ ގޮތުންވެސް އެންމެ ތަނަވަސް ރަށް ކަމުގައިވާ ގަމުން މީހުންބޭލުމަށްފަހު އެރަށުގައި އިނގިރޭސި ސިފައިންގެ ވައިގެ މަރުކަޒެއް ހެދުމަށް ހުއްދަ ދިނުމަށެވެ. މިހުށައެޅުމަށް އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވަނީ  30 އަހަރަށް ވައިގެ ބޭހެއް  ހެދުމަށް އިނގިރޭސިންނަށް ކުއްޔަށް ދިނުމަށް ކަމަށް ޢަބުދުލްޙަކީމް ހުސައިންމަނިކު (1979) ހާމަކުރައްވާފައިވެއެވެ. 

 އިނގިރޭސިންގެ އެދުމަށް އައްޑުއަތޮޅު ގަން 30އަހަރަށް އެބައިމީހުނަށް ލިބުން، މިއީ އެމީހުން މާހިތްހަމަޖެހޭ                                ކަމަކަށް ނުވިއެވެ. އެމީހުންގެ ބޭނުމަކީ 100އަހަރު ދުވަސްކަމުން އެކަމާ ހިތްހަމަނުޖެހި، އައްޑޫއަތޮޅާއި، ދެކުނުގެ  އަނެއް ތިންއަތޮޅުގެ މީހުނަށް ހިތްވަރާއި، އިރުޝާދުދީގެން ވަކި ދައުލަތެއްގެ ގޮތުގައި "ޔުނައިޓެޑް ސްވެޑީވް އައިލެންޑް" ގެ ނަމުގައި ދައުލަތެއް ޤާއިމުކުރިއެވެ. އަދިހަމަމިއާއެކު ސ. ހިތަދޫ އެޅަދީދީގެ ޢަލިދީދީގެ ޢަބްދުﷲ އަފީފް އެސަރުކާރުގެ އިސްވެރިޔަކަށްވެހުރެ އިނގިރޭސިންނަށް 100 އަހަރަށް ގަން ދިނުމަށް އެއްބަސްވިކަމަށް މުހައްމަދު ވަހީދު (1987) ލިޔުއްވާފައިވެއެވެ.

މީލާދީން 1959 ވަނަ އަހަރުގެ ޖެނުއަރީމަހުގެ  ފުރަތަމަ ދުވަހު އުފެދިގެން ދިޔަ  މިޢައިރުޤާނޫނީ ދައުލަތުގެ ބާރު ކަނޑުވާލައި،  ދިވެހި ސަރުކާރުގެ ދަށަށް އެބައިމީހުން ގެނެވުމާއެކު އިނގިރޭސިންނަށް މަޖުބޫރުވީ ކުރިން ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ  މުއްދަތު ހަމަވަންދެން އައްޑުއަތޮޅު ގަމުގައިތިބުމެވެ. މިގޮތުން  ޢަބުދުލްޙަކީމް ޙުސައިންމަނިކު (1998)  ލިޔުއްވާފައިވާގޮތުގައި އައްޑުއަތޮޅުގައި އިނގިރޭސިންގެ އެހީތެރިކަމާއި، އާރާ ބާރުގައި  އުފެއްދި ސަރުކާރު އުވުމާ އެކު އެސަރުކާރުގެ އެންމެ އިސްވެރިޔަކަށް ހުންނެވި ޢަބްދުﷲ އަފީފް އިނގިރޭސި ޙިމާޔަތުގެ ދަށުން  ސީޝެލްސަށް ގެންދެވުނެވެ.

1887 ވަނައަހަރު ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތްއިރު، ރާއްޖޭގެ ރަސްކަމުގައި ހުންނެވީ  މުހައްމަދު މުޢީނުއްދީނެވެ. މުހައްމަދު އަމީން (1949) ހާމަކުރައްވާގޮތުގައި ދިވެހިރާއްޖެއާއި އިނގިރޭސިންނާއި ދެމެދު ކުރެވިގެންދިޔަ މުޢާހަދާ (އެއްބަސްވުން) ގެ ދަށުން އޭރު ދިވެހީންގެ ވެރިކަން ހިންގަމުން އައިސްފައިވަނީ ސިލޯނުގައި ހުންނަވާ ގޮރުނުދޯރު ނަމަކަށް ކިޔާ ބޭފުޅެއްގެ ހިމާޔަތުގެ ދަށުންނެވެ.

3-    އައްޑޫގައި އިނގިރޭސިން ވަޒަންވެރިވުމާއެކު ދިވެހިރާއްޖެއަށާއި އައްޑުއަށް އައި ބަދަލުތައް

    އިނގިރޭސިން އައްޑުއަތޮޅުގައި ވަޒަންވެރިވި ވާހަކަތަކަކީ ބައެއް ދިވެހީންގެ ހިތަށް ތަފާތު ޚިޔާލާއި ފިކުރުތައް ވެރިވެގެންދާ ކަމެކެވެ. މިގޮތުން އެދުވަސްވަރު އައްޑުއަތޮޅުގައި ތިބި ދިވެހިންގެ ހާލަތު ހުރީ ކިހިނެތްކަމާއި، އިނގިރޭސިންނާ އެބައިމީހުންގެ ގުޅުން ހުރީ ކިހިނެތްކަން، މިއީ ހައްތާވެސް އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ. އަދި އެދުވަސްވަރު އައްޑޫ އޮންނާނީ ކިހނެތް، ކޮންފަދައަކުންބާވައޭ މިއީ އެތައް ދިވެހިން މިއަދުވެސް ކުރަމުން އަންނަ ސުވާލުތަކެކެވެ. މިގޮތުން ބަލާއިރު ހަޤީޤަތަކީ އިނގިރޭސިން އައްޑޫގައި ޤާއިމުވެތިބިއިރު އައްޑުއަތޮޅު އެކިގޮތްގޮތުން ތަރައްޤީވެގެން ދިއުމެވެ. އިނގިރޭސިން އައްޑުއަތޮޅު ގަމުގައި އެމީހުންގެ ފެކްޓަރީތައް ހަދާ، އެއާޕޯޓް ފަދަ ތަންތަން ޤާއިމުކުރެވިގެންދިއުމަކީ އައްޑުއަށް މިއަދު އައިސްފައިވާ ކުރިއެރުމުގެ ހަޤީޤީ އަސްލުކަމަށް ޢަބުދުﷲ މުފީދު (2004) ހާމަކުރައްވާފައިވެއެވެ.  މިގޮތުން ދިވެހީންގެ ގިނަ ބަޔަކަށް މަސައްކަތް ކުރުމުގެ ފުރުޞަތުލިބި، އެބައިމިހުނަށް ރަނގަޅު އުޖޫރައެއް ދެވިގެންދިއުމަކީ ސީދާ އައްޑޫމީހާގެ ތަރައްޤީއަށް ލިބިގެންދިޔަ ކުރިއެރުމެކެވެ. މިގޮތުން އައްޑުއަތޮޅުގެ ގިނަ ރައްޔިތުންނަށް ވަޒީފާ ލިބި، އެމީހުން އޭރު ދިރިއުޅެމުން ގެންދިޔައީ އިނގިރޭސިންގެ ގާތުގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއިންނެވެ. ވުމާއެކު އައްޑުއިން އިނގިރޭސިން ފައިބައިގެން ދިއުމުން އައްޑުގެ ގިނަ ރައްޔިތުންގެ ވަޒީފާ ގެއްލި، ލިބެމުންދިޔަ އާމްދަނީ ނުލިބި ރައްޔިތުންނަށް ދިރިއުޅުމުގައި ދަތިތަކެއް ދިމާވިކަމަށް އެބައިމީހުން ޤަބޫލުކުރާކަމަށް ހުސައިން ޒަހީން (2005) ހާމަކުރައްވާފައިވެއެވެ.

އައްޑުއަތޮޅުގައި އިނގިރޭސިން ތިބި ދުވަސްވަރު އެބައިމީހުންގެ ވަޒީފާތަކުގެ ތެރޭގައި އެމީހުންގެ ލޭބަރުންގެ ގޮތުގަޔާއި، ގަމުގައި ޤާއިމުކޮށްފައިވާ ހަސްފަތާލުގައި ނަރުހުންގެ ގޮތުގައި، އަދި ހަސްފަތާލުގައި ތަރުޖަމާނުންގެ ގޮތުގައި، މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހިންނަށް ލިބިގެންދިޔަ މީހުންނަކީ އިނގިރޭސިން އެމީހުންގެ ޖީބުތަކުން އެކަށީގެންވާ ބޮޑު މުސާރައެއް ދީގެން، ތަނަވަސްކަމުގައި އުޅެމުންދިޔަ ބައެކެވެ.

އައްޑުއަތޮޅުގައި އިނގިރޭސިން ވަޒަންވެރިވެފައި ތިބުމުގެ ސަބަބުން ލިބުނު ފައިދާތަކުގެތެރެއިން އަނެއްކަމަކީ އައްޑުއަތޮޅުގަމުގައި ވައިގެ ބޭހެއް ހެދުމެވެ. މިގޮތުން ގަމުގައި ވައިގެ ބޭހެއް ހަދަން ބޭނުންވުމުން ގަމުގައި ތިބިމީހުން އެއަތޮޅު ފޭދޫއަށް ބަދަލު ކުރުމަކީވެސް އެމީހުނަށް އެކަމުން ގިނަ ފައިދާތަކެއް ލިބިގެންދިޔަ ކަމަކަށްވިއެވެ. މިގޮތުން މުހައްމަދު އިސްމާއިލްދީދީ (1961) ބަޔާންކުރައްވާފައިވާގޮތުގައި ގަމުގައި ތިބި މީހުން އެއަތޮޅު ފޭދޫއަށް ބަދަލު ކުރުމަށްޓަކައި އިނގިރޭސިން މިދެރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ލަކުޑިން ގެތަކެއް ހަދައިދިނެވެ. މިގޮތުން އުމްރާނީގޮތުންވެސް އައްޑޫގެ ރައްޔިތުންނަށް މިފަދައިން ކުރިއެރުންތައް ލިބިގެންދިޔައެވެ. ވުމާއެކު  އައްޑުއަތޮޅުގަމުގައި ވައިގެ މަރުކަޒެއް ޤާއިމު ކުރެވިގެންދިޔައިރު އައްޑުއަތޮޅު ގަން ތައްޔާރު ކުރެވިފައިވަނީ އެފަދަ އަގުބޮޑު، ފުރިހަމަ ދެވަނަ ރަށެއް ނެތްފަދަ ފެންވަރެއްގައެވެ. މުޅިރަށުގެ މަގުތަކުގައި ތާރުއަޅާ، ނަރުދަމާ ނިޒާމް ޤައިމުކުރެވި، ކަރަންޓްލެވި، މީގެއިތުރުން ސައިހޮޓާތަކާއި ސިނަމާފަދަ މިއަދު މިދެކޭފަދަ ޒަމާނީ ވަޞީލަތްތައް އެދުވަސްވަރުވެސް ގަމުގައިވަނީ ޤާއިމުކުރެވިފައެވެ. ހަމައެހެންމެ އެދުވަސްވަރާ ބަލާއިރު މުވާޞާލާތީ ވަސީލަތްތައްތައް އެންމެ އެކަށޭނަ ފެންވަރުގައި ޤާއިމުކުރެވި، އިނގިރޭސިންގެ މުވާޞަލާތީ ވަސީލަތްތައް އައްޑު އަތޮޅު ހިތަދޫގެ އެއްކޮޅުގައި ޤާއިމުކުރެވި ފައިވީނަމަވެސް މިދެރަށުގެ ދެމދުގައި އެއްވެސް އުނދަގޫ ކަމެއްނެތި ގޮސް،އައިސްއުޅުމަށް އިންޖީނުލީ އުޅަނދުފަހަރު އޭރުވެސް ބޭނުންކުރެވެމުން ދިޔަކަމީ އެދުވަސްވަރު އައްޑުއަށް އައިސްފައިވާ ކުރިއެރުންތަކަށް އިތުރަށް ހެކި ލިބިގެންދާކަމެއްކަމަށް ޢަބުދުލް ޙަކީމު ހުސައިން މަނިކު (1998) ހާމަކުރައްވައެވެ.

ޢަހުމަދު ޝާކިރު (2004) ޔަޤީން ކޮށްދެއްވާފައިވާގޮތުގައި ޒަމާނުގެ ގޮތުން ބަލާއިރު އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރަކީ ރާއްޖޭގެ ރައްޔިތުންނަށް މިހާރު މިދެކޭފަދަ ވަޞީލަތްތައް ހިތަށް، ޚިޔާލަށްވެސް ގެނެވޭނެފަދަ ދުވަސްވަރެއް ނޫނެވެ. ބޭސްފަރުވާއަކީ ހަމައެކަނި ދިވެހިންގެ އަތުންހަދާ ދިވެހި ބޭހަށް ބަރޯސާވެފައި އޮތް ޒަމާނެވެ. މިގޮތުން އަންހެނުން ވިހެއުމުގެ ތެރޭގައި ކުރެވޭ އޮޕަރެޝަން ތަކާއި އެހެނިހެން ބަލިތަކުގައި ކުރެވޭ  ބޮޑެތި އޮޕްރޭޝަންތަކަކީ އެދުވަސްވަރު އެއްގޮތަކަށްވެސް ރާއްޖެއިން ލިބެންނެތް ވަޞީލަތްތަކޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ކަންމިހެންއޮތްއިރު އައްޑޫގައި އިނގިރޭސިން ޤާއިމުކުރި ބޮޑު ހޮސްޕިޓަލްވެގެންދިޔައީ  ހުރިހާ ވަޞީލަތްތަކާއެކު،  މިހާރު މިކުރާ ފެންވަރުގެ ބޮޑެތި އޮޕަރޭޝަންތައްވެސް ކުރެވޭ ފެންވަރުގައި ގަމުގައި ހެދިގެންދިޔަ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލް ވެފައިވީ މާލެއާއި ރައްޖޭގެ އެކިހިސާބުތަކުން މީހުން ބޭސްފަރުވާ ހޯދުމަށްޓަކައި ގޮސްއުޅުނު ހޮސްޕިޓަލަކަށެވެ. މިގޮތުން ތިންސަތޭކަ ފޫޓާއި، ދުއިސައްތަ ފޫޓުގެ ބޮޑުމިނުގައި، ޓީއަކުރެއްގެ ބައްޓަމަށް އެޅިފައިވާ މިހޮސްޕިޓަލް، އާރު.އޭ.އެފް މެޑިކަލްސެންޓަރުގައި، އެކްސްރޭ ރޫމަކާއި، ތިއޭޓަރާއި، ލެބޯޓަރީއަކާއި, ޕާމަސީއެއް ހުރެއެވެ. ފުރިހަމަ ހޮސްޕިޓަލެއްގެ ޚިދުމަތް އެދުވަސްވަރުވެސް ލިބެންހުރި މި ހޮސްޕިޓަލްގައި ސާޖަނުންނާއި ފިޒިޝަނުންނާއި، އަދި ހޭނައްތާ ޑޮކްޓަރުންވެސް އޭރު ތިއްބެވެ. އަދިހަމައެއާއެކު  މިހޮސްޕިޓަލްގައި  އޮޕަރޭޝަނަށްފަހު، "ޕޭޝަންޓު" ނެރެ، ބާއްވާނެ "ރެސްޓު ރޫމް" އާއި "ވޯޑެއް" ވެސް ހުންނަކަމަށް  މުހައްމަދު އާދަމް ސަލީމް (2020) ހާމަކުރައްވާފައިވެއެވެ.

މިހޮސްޕިޓަލުން އައްޑޫގެ މީހުނަށް ހިލޭ ބޭސްފަރުވާ ކޮށްދެވުނުކަމަށް ހުސައިން ޒަހީން (2015) ހާމަކުރައްވާފައިވެއެވެ. އަދިހަމަމިއާއެކު ހޮސްޕިޓަލްގައި މަސައްކަތްކުރި ޓެކްނިކަލް މީހުން ވެގެންދިޔައީ ރާއްޖެއަށް ލިބުނު އަގުހުރި އިންސާނީ ވަޞީލަތްތަކެއް ކަމުގައެވެ. ވުމާއެކު އެދުވަސްވަރު އައްޑުއަށް ރާއްޖޭގެ އެކި ހިސާބުން ބޭސްފަރުވާއަށް އައިސްފައިވާ މީހުންގެ ވާހަކަތައް މިއަދުވެސް އައްޑޫ ރައްޔިތުން ފަޚުރުވެރިކަމާއެކު ދަނީ ދައްކަމުންނެވެ.

އަބުދުﷲ މުފީދު (2004) ހާމަކުރައްވާފައިވާގޮތުގައި އިނގިރޭސިން ރާއްޖެއަށް ތަރައްޤީއާއި ތަހުޒީބު ގެނެސްދިނީ އެއްގޮތުން ކުރެ ގިނަ ގޮތްގޮތުންނެވެ. މިގޮތުން އިނގިރޭސިންނަށްޓަކައި މާލެ ގެނެވޭ ތަފާތު މުދަލާއި އަދި ދިވެހިންނަށް ވިއްކުމަށްޓަކައި ގެނެވޭ އާބާވަތްބާވަތުގެ މުދަލާ އެހެނިހެން މުދަލުގެ ސަބަބުން އަތޮޅުތަކުގައި ތަރައްޤީގެ ކުލަވަރު ފެންނަން ފެށިއެވެ. ދިވެހިން އިހު ނުދެކޭފަދަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި މިނޫންވެސް ތަފާތު ކާނާތަކުގެ ސަބަބުން ދިވެހިންނަށް ޒަމާނީ ވިޔަފާރިއަށް ލޯހުޅުވުމަށް މަގު ހުޅުވިގެން ދިޔައެވެ.  ވުމާއެކު އިނގިރޭސިން ރާއްޖެއިން އަނބުރާ ދިޔުމުގެ މަދު އަހަރުތަކެއް ކުރިން ރައްޖޭގައި ފެށުނު ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސަބަބުން އިޤުތިޞާދީ މަސައްކަތްތަކުގައި އައްޑު މީހުނަށް އިސް ރޯލެއް އަދާކުރުމަށް ފުރުޞަތު ހުޅުވިގެން ދިޔައެވެ. މިގޮތުން ބަލާއިރު މިއަދުވެސް ރާއްޖޭގެ ޞިނާއަތާއި މަސައްކަތްތެރިކަމުގައި އައްޑޫމީހުން ތިބީ އެންމެ ކުރީ ސަފުގައެވެ.

މިހާރުގެ ތައުލީމަށް ވިސްނާއިރުވެސް އައްޑުއަކީ ރަނގަޅު ފެންވަރެއްގެ ތައުލީމީ ޤާބިލްދަރިންތަކެއް މިއަދު އުފަންވެފައިވާ ފަސްގަނޑެކެވެ. ސަބަބެއްކަމުގައިވެފައިވަނީ އިނގިރޭސިންގެ ސަބަބުން އައްޑުގެ ރައްޔޮތުންނަށް ލިބުނު ހޭލުނަތެރިކަމެވެ. އިނގިރޭސިން އައްޑުގައި ތިބި ތިބުމުގައި އެއަތޮޅަށްވަނި އިންދުލިސް މީޑިއަމަށް ކިޔަވައިދޭ މަދަރުސާއެއް ޤައިމުކުރެވި، އަމިއްލަ ފަރދުންތަކެއް އިސްނަގައިގެން ލަންޑަން ޖީ،ސީ،އީގައި ބައިވެރިވެގެން ރަނގަޅު ނަތީޖާތަކެއްވެސް ހޯދާފައެވެ.  މިގޮތުން މިބުނުމަށް ބާރުދީ މުހައްމަދު އިސްމާއިލްދީދީ (1961) ހާމަކުރައްވާފައިވަނީ  އިނގިރޭސި ބަހަކީ ކޮބައިކަން އެނގި ދެވަނަ ބަހެއް ދަސްވުމުގެ ފުރުޞަތު ދިވެހިންނަށް ލިބިގެންދިޔައީ އިނގިރޭސިންގެ ސަބަބުންނެވެ. މީގެނަތީޖާއަކީ މިއަދުވެސް އައްޑޫ ރައްޔިތުންނަކީ ތައުލީމީގޮތުން ކުރިއެރުންތަކެއް ހޯދަމުން އަންނަ ބަޔަކަށްވެގެންދިޔަކަމެވެ.

4-    އިނގިރޭސިން އެދުވަހު އައްޑުއަތޮޅުގައި  ޤާއިމުވެތިބި ގޮތަށް ތިބިނަމަ މިއަދުރާއްޖެ އޮންނާނީ ކިހިނެތް؟

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި  އޮތް ދުވަސްތަކުގައި ދިވެހިންނަށް ތަފާތު ގެއްލުމާއި އަދި ފައިދާތައްވެސް ވެފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައި އިނގިރޭސިން ޤާއިމުވެތިބި 77 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން އަހަރުން އަހަރަށް ޖިޒީ ދައްކަން ޖެހެއެވެ. މިގޮތުން ޖިޒީއަކީ ހަދިޔާކަމަށްވެއެވެ. ވުމާއެކު މިޖިޒީގެ ނަމުގައި ދިވެހިރާއްޖެއިން ބޮއްޔާއިރޯނާ މާވަހަރުފަދަ ތަކެތިން ޖިޒީދައްކާފައިވެއެވެ. އަދި ދިވެހީންނަށް އެދުވަސްވަރު ހާރިޖީ މިނިވަންކަން ނެތުމާއި، އިނގިރޭސިންގެ ހުއްދައެއް ނެތި އެއްވެސް ޤައުމަކަށް ނުދެވުމަކީ ދިވެހީންނަށް ލިބިގެންދިޔަ އަގު ނުކުރެވޭފަދަ ގެއްލުމެއްކަމަށް މުހައްމަދު އަމީން (1949) ލިޔުއްވާފައިވެއެވެ. ވުމާއެކު ދިވެހީންގެ އަމިއްލަ މިނިވަންކަމެއްނެތި، ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި އުޅެންޖެހުމަކީ ކޮންފަދަ ހިތްދަތި އަސަރުތަކެއް ކުރުވިކަމެއްކަން ހާމަވެއެވެ.

ނަސީމާ މުހައްމަދު (2010) ހާމަކުރައްވާގޮތުގައި އިނގިރޭސިން އައްޑުއަށް ފޭބުމާއި ހިސާބުން ފެށިގެންވެސް އެއީ 1950 ގެ އަހަރުތަކުން ފެށިގެންވެސް އިނގިރޭސި ސަރުކާރާ ރާއްޖެއާއި ދެމެދު މައްސަލަތަކެއް ޖެހެމުންދިޔައެވެ. މިގޮތުން އިނގިރޭސިންގެ ވަޒީފާތަކުގައި އައްޑޫމީހުން ތިބުމަށް ދިވެހިސަރުކާރުން މަނާކުރިއެވެ. މި މަނާކުރުންވެގެންދިޔައީ އައްޑޫރައްޔިތުން ދިވެހި ސަރުކާރާމެދު ހަމަނުޖެހުން އިތުރުވި ސަބަބަކަށެވެ. އަބުދުލްހަކީމް ހުސައން މަނިކު (1997) ބަޔާންކުރައްވާފައިވާގޮތުގައި ވަޒީފާއަދާކުރާމީހުނަށް އެކަން މަނާކުރުމުގެ ސަބަބުން އައްޑުގެ ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ ހުއްޓި، ތަނުގެ އިޖުތިމާއީ ޙާލަތު ދަށްވެ، އެކަމުގެ ސަބަބުން އައްޑުގެ ރައްޔިތުންގެ ހިތުގައި ހިތްހަމަނުޖެހުން އުފެދި ދެކުނުގެ ތިންއަތޮޅުގެ މީހުނާ މިކަން ހިއްސާކުރުމާއި، އިނގިރޭސި ޕައުންޑުން ދެމުންގެންދިޔަ މުސާރަ ފަހުން ދިވެހި ފައިސާއިން ދިނުމަށް ދިވެހި ސަރުކާރުން އެނގުން ވެގެންދިޔައީ، ދިވެހިސަރުކާރާއި އިނގިރޭސިންނާއި ދެމެދު ހިތްހަމަނުޖެހުން އުފެދުނު ކަންކަމަށެވެ. ވުމާއެކު މިއީ އައްޑުމައްސަލަ ފެށުމުގެ އަސްލުކަމަށްވެގެންދިޔަކަމަށް އަބުދުލް ހަކީމް ހުސައިން މަނިކު (1979) ވިދާޅުވެފައިވެއެވެ.  ވުމާއެކު މިއަދާހަމައަށް އިނގިރޭސިން ރާއްޖޭގައި ޤާއިމުވެތިބިނަމަ މިފަދަ ގިނަ ނުރައްކާތެރި އެތައްކަމެއް ހިގާފާނެކަމަށް ބެލެވެއެވެ.

ނަސީމާ މުޙައްމަދު (2010) އާއި މުޙައްމަދު އިބްރާހިމް ލުޠުފީ (1998) ލިޔުއްވާފައިވާގޮތުން 1948 ވަނައަހަރު ދެބައިމީހުންގެ ދެމެދުގައި  ވެފައިވާ އެގްރިމެންޓްގައި ދިވެހިރާއްޖެ އޮންނާނީ  އިނގިރޭސި ރާޖާގެ ހިމާޔަތުގެ ދަށުގައިކަމާއި އިނގިރޭސިން ދައުލަތުން ދިވެހިރާއްޖޭގެ ރަށްތައް ރައްކައުތެރިކޮށްދޭނެކަމަށް ލިޔެފައިވެއެވެ. އަދި މީގެއިތުރުން ބޭރުގެ ޤައުމުތަކާ ދެމެދު ގުޅުން ދެމެހެއްޓޭނީ އެބައިމީހުންގެ އިޒުނައާ އެކުގައިކަމަށްވެސް ލިޔުއްވާފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭއާއި އިނގިރޭސިންނާ ދެމެދުގައި  އޭރު ކޮށްފައިވާ މުޢާހަދާތަކުން ދިވެހިން ތިބީ ވަރަށްބޮޑަށް އެމީހުނަށް ފިތިގެން އުޅެން ޖެހިފައިކަން ހާމަވެއެވެ. މިކަމުން ފާހަގަކުރެވޭ އަނެއްކަމެއްގެގޮތުގައި މުހައްމަދު އިސްމާއިލްދީދީ (1981) ހާމަކުރައްވަނީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމުގައި އެބައިމީހުނަށް ހަމަނޭވާއެއް ލުމުގެ ހަނިވެސް ފުރުޞަތެއް އިނގިރޭސިން ދީފައިނުވާކަމެވެ. އަދި ބޭރުގެ އެހެން ޤައުމުތަކާއި ދިވެހިންނާ ދެމެދު ކުރަމުންއައި ވިޔަފާރިއާއި،  އަދި ސިޔާސީ އެކިއެކި ކަންކަމުގައި އެޅިފައި ހުރި ހުރަސްތަކާއި ނުފޫޒުގެ ވަރުގަދަކަން ކިތަންމެ ބޮޑަކަށްވެސް ހާމަވެގެން ދެއެވެ. މިފަދަ ކަންކަމަކީ އެދުވަހުވެސް އަދި މިއަދުވެސް ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި ދިވެހީންނަށް ރުހެވިގެން ތިބޭނެކަންކަމަށްނުވާތީ އިނގިރޭސިން އެދުވަހު ޤާއިމުވެތިބި ގޮތަށް ތިބެން ދިވެހިން ނުރުހޭނެކަން ޔަޤީނެވެ.

ދިވެހިންނަކީ އަބަދުވެސް އަމިއްލަވަންތަކަމަށް ލޯބިކުރާ އަމިއްލަ ވަންތަ ބައެކެވެ. ވުމާއެކު ދިވެހި ފަސްގަނޑެއްގައި އެހެންބަޔަކު ނުފޫޒުފޯރުވާ އަތްގަދަކޮށްގެން ދިވެހިންނަށް ލިބޭނެ މާބޮޑު ފައިދާއެއް ނެތޭ ދެންނެވުނު ނަމަވެސް ރާއްޖެ މިއަދު މިހިސާބަށް އައުމުގައި އިނގިރޭސިންގެ ފަރާތުން ލިބުނު ބައެއް މަންފާތަކުގެ ހިއްސާވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން އިނގިރޭސިންގެ ސަބަބުން ފައިދާކުރި ބަައެއްގެ ގޮތުގައި ބެލެވުނީ އެބައިމީހުން އެތަނެއްގައި ޤާއިމުވެ ތިބި ތަނަކަށެވެ. އިނގިރޭސިންގެ ކިބައިން ދިވެހިންނަށް ގެއްލުންވީފަދައިން ފައިދާތަކެއްވެސް ވެފައިވާކަން ފާޙަގަކޮށްލަން ޖެހެއެވެ. މިވީ ފައިދާތަކަށްވުރެ ދިވެހިން ބޭނުންވީ ދިވެހިންގެ ފަސްގަނޑުގައި މިނިވަންކަމާއެކު ދިވެހި ދިދަ ވިހުރިލާނެ މިނިވަން ޖައްވެކެވެ. އެހެންކަމުން  މިއީ ދިވެހިން ޤަބޫލުކުރާ މިނިވަންކަމުގެ ފޮނި މީރުކަމާ އަޅާ ކިޔާލެވޭނެ ކަންތައް ތަކެއް ނޫނެވެ. ވުމާއެކު އެދުވަހު ތިބިގޮތަށް އިނގިރޭސިން މިޤައުމުގައި ޤާއިމުވެ ތިބި ނަމަ ހަމައެކަނި ކުރިއެރުމާއި ތަރައްޤީ އައީހީ އެމީހުން ޤާއިމުވެތިބި ތަނަކަށް އެކަންޏެވެ. ވުމާއެކު އެދުވަހު ތިބިގޮތަށް އިނގިރޭސިން މިފަސްގަނޑުގައި ތިބި ނަމަ އަދިވެސް އަޅުގަނޑުމެން ތިބެންޖެހުނީހީ އެބައިމީހުނަށް ފިތގެން، މިނވަންކަމުގެ ނޭވާއެއް ނުލެވޭ ހިސާބުގައެވެ. ވުމާއެކު އިނގިރޭސިންގެ ކިބައިން މިއަދު މިޤައުމު މިނިވަންވެފައިވީކަމީ ދިވެހިންގެ ނަޞީބާއި، ﷲ ގެ ހެޔޮރަޙުމަތެވެ.

 

5-    ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ހޭދަކޮށްފައިވީހިނދު، އެކަމުން މުސްތަޤުބަލަށްޓަކައި ލިބިގެންދިޔަ ޢިބްރަތަކީ ކޮބާ؟

ތާރީޚަކީ އަބަދުވެސް އެލިޔާ ލިޔުންތެރިއެއްގެ ރަޢުޔުވެސް ހިމަނައިގެން ލިޔެވޭ އެއްޗެކެވެ. މިގޮތުން އަބަދުވެސް  ތާރީޚު ލިޔެވިފައި ހުންނަނި ނަސްރު ހޯދާ ބައެއްގެ މައްޗަށް ބަރޯސާވެގެންނެވެ. ވީމާ ތާރީޚަކީ އަބަދުވެސް އެބަޔަކު ބޭނުންވާ ކުލައެއް ޖައްސާލައިގެން ލިޔެވިދާނެ އެއްޗެކެވެ. މިގޮތުން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔުމަށްޓަކައި ވެވުނު އެއްބަސްވުމުގައިވަނީ އިނގިރޭސިވިލާތުން އިނގިރޭސިންގެ އަސްކަރީ ހިމާޔަތް ރާއްޖެއަށް ލިބުނު ކަމުގައިވީނަމަވެސް ރާއްޖޭގެ ދާހިލީ ކަންތައްތަކާ އެބައިމީހުން ނުބެހޭނެކަމަށެވެ. އަދި ޒަމާންވީ ދިވެހިންގެ ދީނާއި، އާދަކާދަތަށް އެއްވެސް ގޮތަކަށް އަސަރެއް ކުރާނެފަދަ ކަމެއް ނުކުރާނެކަމަށްވެސް ލިޔެވިފައިވާކަމަށް މުހައްމަދު ވަހީދު (1990) ލިޔުއްވާފައިވެއެވެ. މިހެންމިގޮތަށް ލިޔެވިފައިވީނަމަވެސް ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅުން މިކަމާ އެއްބަސްވެއެއް ނުލައްވައެވެ. ސަބަބަކީ އިނގިރޭސިން އޭރު ރާއްޖޭގައި ނުބެހޭކަ ކަމެއް ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެކަމަށް މުހައްމަދު އިބްރާހިމް ލުޠުފީ (1998) ހާމަކޮށްފައިވެއެވެ. ނަމަވެސް ތާރީޚް ލިޔުއްވާފައިވާ ބައެއް ބޭފުޅުންގެ ޚިޔާލު ފާޅުކުރައްވާފައިވަނީ އެފަދަ ފަރާތްތަކުގެ ނަޒަރުގައި އިނގިރޭސިން އިންޑިއާ ފަދަ ގައުމުތައް އަޅުވެތިކުރި ގޮތަށް ރާއްޖެ އަށް ގިނަ ސިފައިންތަކެއް ގެނެސް އަޅުވެތިކޮށްފައި ނުވާކަމުގައެވެ. . އަދި އެތަންތަނުގައި ތިބިގޮތަށް އިނގިރޭސީންގެ ގަވަރުނަރެއް ވެސް ރާއްޖޭގައި ނުހުރެއެވެ.  މުހައްމަދު އައުޒަމް (2018) ހާމަކުރައްވާގޮތުގައި  އިނގިރޭސިންގެ އަތުން ރާއްޖެ "މިނިވަންކަން ހޯދީ" ލޭ އޮހޮރުވާލައިގެނެއްނޫނެވެ. އިނގިރޭސިންގެ ސަބަބުން ދިވެހިންނަށް މާބޮޑު ނިކަމެތިކަމެއް ލިބިފައެއް ވެސް ނުވެއެވެ. އިނގިރޭސިން ފަދަ އެދުވަސްވަރު ބާރުގަދަ ޤައުމަކުން ރާއްޖެ އަޅުވެތިވެފައި އޮތް އޮތުމުން އަތްދޫކޮށް އެއްވެސް ލޭއޮހޮރުވުމެއްނެތި ދިވެހިންނާއި ދިވެހިންގެ ޤައުމު ހަވާލުވެގެން ދިއުމަކީ އެތައް ބަޔަކު މިއަދުވެސް ސުވާލުއުފެދޭ ކަމެކެވެ. އިނގިރޭސިންގެ ބާރުވެރިކަމެއް އިރުއޮއްސުމެއް އަންނާނޭ އެދުވަސްވަރު އެއްވެސް ބަޔަކަށް ހީކުރެވިފައެއްނެތެވެ. ނަމަވެސް ޤުދުރަތީގޮތުން މާބޮޑު މުއްސަނދިކަމެއް ލިބިފައިނުވާ ކުޑަކުޑަ ޤައުމެއް ނަމަވެސް އެދުވަހުވެސް ދިވެހިންގެ ބިމުގައި އިނގިރޭސިންނަށް އެމީހުން ބޭނުންހާގޮތަކަށް ކަނތައްތައް ކުރުމުގައި ހުރަސްތަކެއް ކުރިމަތިވިއެވެ.

ހިމާޔަތުގެ ނަމުގައި ކަމަށްބުނެ އެއްވެސް ޤައުމަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ މިއަދުވެސް އަޅުގަނޑުމެން ވިސްނަންޖެހޭ، އަދި މިކަމުން އިބުރަތް ޙާޞިލް ކުރަން ޖެހޭ މުހިންމު މައްސަލައެކެވެ. މިގޮތުން އަޅުގަނޑުމެންގެ  މިކުޑަކުޑަ ޤައުމަށް އިޤުތިޞާދީގޮތުން އަތްގަދަ ކޮށްފިނަމަ އޭގެ ގެއްލުން މި ޤައުމަށް ފޯރާނެއެވެ. އަދި ހަމަމިއާއެކު   އަޅުގަނޑުމެންގެ މިކުޑަ ޤައުމުގައި އެހެން ޤައުމެއްގެ ބަޔަކު  އަތްގަދަކޮށް،ހަންފެތުރުމަށް ފުރުޞަތު ދެވުމަކީ އަމިއްލަ ވަޒަނުގައި އަމިއްލަ މީހުން ބީރައްޓެހިވުމެވެ. އާރާއި ބާރު ނެތި ދިއުމެވެ. ދާޙިލީ ހަނގުރާމައަކަށް މަގު ފަހިވެގެން ދިއުމެވެ. އެހެންކަމުން މިކުޑަ ޤައުމުގެ ދިފާއުގައި އެދުވަހު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އަލްފާޞިލް އިބްރާހިމް ނާޞިރު ކޮށްދެއްވީ އަގުހުރި، މިންނަތް މަސައްކަތެކެވެ. މިމަސައްކަތް އެބޭފުޅާ ފެއްޓެވީވެސް އިނގިރޭސިންގެ ސަބަބުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމު ބައިބައިވެގެން ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ. އެހެންކަމުން މިއީ މިއަދު އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލަށްޓަކައި އިބްރަތް ލިބިގެންދިޔަ ގިނަ ކަންކަމެވެ.

ނިންމުން

ދިވެހި ތާރީޚުގެ ޞަފްހާތަކުގެ ތެރޭގައި ހިމެނޭ އަނދިރިކަމާއި ބަނަކަމުގެ ހިޔަނި އެޅިފައިވާ ކޮންމެ ޞަފުހާއެއް އެކޮޅުން އަނެއްކޮޅަށް ކިޔާލުމުން އިއްތިފާޤުވެވޭ ހަޤީޤަތްތަކެއް ހާމަވެގެންދެއެވެ. ކޮންމެއަކަސް ޤަބޫލުކުރުމަށް ހިތްނޭދުނު ކަމުގައިވިޔަސް މިފަދަ ހަޤީޤަތްތަކަކީ ހާރިޖީ ބާރެއްގެ ދަށަށް ނުވަތަ އަޅުވެތި ވުމުގެ ރަހަ ދިވެހީންގެ އަރުގައި ލައްވާލި ކޮންމެ ފަހަރަކީވެސް ދިވެހި އަތްތަކެއް އެކަމުގައި އޮންނަ ކަމަކަށްވުމެވެ. ހުލާސާގޮތެއްގައި ދަންނަވީނަމަ ދެންނެވޭނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔުމަށް މެދުވެރިވީވެސް މިފަދަ ގޮތެއްގައި ކަމަށް ތާރީޚީ މައުލޫމާތުތައް ކިޔާލުމުން ހާމަވެގެންދިޔަކަމުގައެވެ. ފަހަރެއްގައިވެސް މިއީ ގިނަދިވެހިން ބޭނުންވި ގޮތެއްނޫނެވެ. ދިވެހިންގެ އަޤުލަބިއްޔަތެއްވެސް ނުމެނޫންމެއެވެ. ވުމާއެކު އިނގިރޭސިންގެ ހިމާޔަތަށް ދިވެހިރާއްޖެ ދިޔުމަށް މެދުވެރިވީވެސް މިފަދަ ތަފާތު ސަބަބުތަކެއްކަން ތާރީޚުގެ ޞަފުޚާތައް ނިއުޅާލުމުން އެނގިހާމަވެގެން ހިނގައްޖެއެވެ.

އިނގިރޭސިންގެ އަތްދަށުވުމުގައި މެދުވެރީ އެންމެ ސަބަބެއްކަމަށް ދެންނެވޭކަށް ނެތެވެ. ތާރީޚު ހެކިދޭ ތަފާތު ސަބަބުތައް އެނގި، ހާމަވެގެން ހިނގައްޖެއެވެ.  

އެހެންކަމުން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔުމުން އައްޑޫގައި އެމީހުންގެ ހަންފަތުރާ އައްޑުއަކީ އެމީހުންގެ މައި މަރުކަޒު ކަމުގައި ވެގެންދިޔައެވެ. މިކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ތަފާތު އިޚްސާސްތައް ކުރެވިގެންދިޔައެވެ. ތަފާތު ބަދަލުތައް އައްޑުއަށް އައުމަށް މެދުވެރިވި ސަބަބެއްކަމުގައި އިނގިރޭސިން ވެގެންދިޔައެވެ. ނަމަވެސް ހަޤީޤަތަކީ  އޭގެ ސަބަބުން އައްޑުގައި ތަރައްޤިގެ އާ ޞަފުޚާއެއް ލިޔެވިގެން ދިޔަކަމުގައި  ބަޔަކަށް ޤަބޫލު ކުރެވުނު ނަމަވެސް ބައެއްގެ އަޅުވެތިކަމުގައި ތިބުމަކީ ގިނަ ބަޔަކަށް ޤަބޫލުކުރެވުނު ކަމަކަށް ނުވިކަމެވެ. ހަމައެހެންމެ އެދުވަހު ތިބިގޮތަށް ދިވެހން އިނގިރޭސިންގެ ހިމާޔަތުގެ ދަށުވެ  ތިބެން ޖެހުނުނަމަ ދިވެހިރާއްޖެ އޮންނާނެ ގޮތަކާމެދު ދިވެހީންނަށް ތަސައްވަރުވެސް ކޮށްލެވިފައި ނެތްކަމެވެ. ވުމާއެކު ދިވެހީން އެބައިމީހުންގެ އަމިއްލަ މިނިވަން ޤައުމެއްގައި މިނިވަންކމާއެކު ވިހުރުވާލާނެ ދިވެހީންގެ އަމިއްލަ ވަންތަ ދިދައެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރެވުމެވެ. އެދުވަހުގެ ނަތީޖާއިން ﷲގެ ވާގިފުޅާއެކު މިއަދު ދިވެހިރާއްޖެ މިނިވަންވެ އެކަމުގެ އުފާ ފާގަތިކަން މިއަންނަނީ ތަޖުރިބާ ކުރަމުންނެވެ. 

 

No comments:

Post a Comment